މޯގެ ފުރަތަމަ ފީޗާ ފިލްމު 'ދޯދި'އަށް ކުރި ދަތުރު؛ ފަހަރަކު ގޮޅިއަކުން ކުރިއަށް

Mo ge furathama feature film Dhoadhi ah kuri dhathuru; faharaku golhi akun kuriah

ކުރިއެރުން

މާދަމާއަކީ މޮވަނު ޝަފީގް (މޮ) ގެ ފިލްމު އުފެއްދުމުގެ ކެރިއަރުގައި އެންމެ ހާއްސަ ދުވަހެވެ. އޭނާ ޑައިރެކްޓްކޮށް އުފެއްދި ފުރަތަމަ ފީޗާ ފިލްމު 'ދޯދި' ސިނަމާއަށް ނުކުންނަ ދުވަހެވެ. ވެރިރަށް މާލޭގެ ދިރިއުޅުމާއި ދިވެހި ޒުވާނަކު ފުރާވަރަށް އަރައިގެން އަންނަ އިރު ދިމާވާ ކަންކަމުގެ މައްޗަށް ދައްކުވައިދޭ 'ދިވެހިވަންތަ' ވާހަކައެއް ހިމެނޭ ފިލްމެކެވެ.

އެއް ގަޑިއިރާއި 42 މިނެޓުގެ އެ ފިލްމުގެ ލީޑު ތަރިންނަކީ ލާނާ ޖަލީލް، އާމިރާ އިސްމާއީލް، އާމިނަތު އިންނާ، އަދި ޝަހުދާން ޝަރީފް އެވެ. މާލޭގައި ދިރިއުޅޭ ޒުވާން ޅެންވެރިއެއް ކަމަށްވާ މަލްގެ ރޯލު ކުޅޭނީ ލާނާ އެވެ. ސްކޫލް ތިއޭޓާގެ ތަޖުރިބާ ހުރި ނަމަވެސް ލާނާއަށް ވެސް މިއީ އޭނާގެ ފުރަތަމަ ފީޗާ ފިލްމެވެ. މައިގަނޑު ވާހަކަ އަކީ އޭނާ ބޭރަށް ކިޔަވަން ދާން ދެކޭ ހުވަފެނުގެ ވާހަކަ އެވެ.

ފިލްމުގެ ޑައިރެކްޓަރު މޮ 'ކުރިއަށް މީޑިއާ' އަށް ދިން އިންޓަވިއުގައި އޭނާ ވަނީ އޭނާގެ ފުރަތަމަ ފީޗާ ފިލްމު 'ދޯދި' އުފެއްދުމަށް ކުރި ދަތުރު ހިއްސާކޮށްދީފަ އެވެ. އޭލެވެލް ކިޔަވައިނިމުނު އިރުން ފެށިގެން އޭނާގެ ހަޔާތް ހާއްސަކުރީ ފީޗާ ފިލްމު އުފެއްދުމަށެވެ. ނަމަވެސް އެއީ ވަރަށް ރޭވުންތެރިކަމާއެކީ، ހަމައެކަނި އެ ކަމަށް މީހާ ހުސްވެގެން ނޫނީ އޭނާއަށް ހާސިލްވެދާނެ ކަމެއް ގޮތުގައި މޮ ގަބޫލެއް ނުކުރެ އެވެ.

ބޭރަށް ކިޔަވަން ދަމުން ނިންމީ ފިލްމު ނޫން އެހެން ކަމެއް ކުރާ ތަނެއް ނުފެނޭ. އޭލެވެލް ކިޔަވައި ނިމިގެން ހަމަ ނިންމީ ޔުނިވާސިޓީއަށް ގޮސްގެން ވެސް ކިޔަވާނީ ފިލްމުގެ ކަންކަމޭ،" ކޮމްޕިއުޓާ ޝައިންސް ފަދަ ދާއިރާތަކަށް ވެސް ޝައުގުވެރިކަން ހުރި ނަމަވެސް ހަޔާތުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ނިންމުމާ ގުޅޭ ގޮތުން މޮ ބުންޏެވެ.

"އެ ކަމެއް ކުރަން ބޭނުން ވަންޏާ އަޅުގަނޑު އަބަދުވެސް ދެކެނީ އެ ކަމަށް ހުސްވާން ޖެހޭނީ. އެެހެންވެގެން ކިޔަވަން ބޭނުންވީ ވެސް. ނަމަވެސް ޑިގްރީ އޮތުމެއް ނޫން މުހިންމީ. ކިތައް ފިލްމުތޯ ހެދީ ބަލާނީ. ކިތައް ރަނގަޅު ފިލްމުތޯ ހެދުނީ،" މި ކަން ކާމިޔާބުކުރުމާ ގުޅޭ ގޮތުން މޮ ދެކޭ ގޮތް އިތުރަށް ތަފްސީލްކޮށްދިނެވެ.

އިނގިރޭސިވިލާތުގެ ބޯންމައުތުގައި ހުރި ޔުނިވާސިޓީއަކުން މޮ ހާސިލްކުރީ ފިލްމު ޕްރޮޑަކްޝަންގެ ޑިގްރީ އެކެވެ. ޔުނިވާސިޓީ ނިންމުމުގައި އޭނާ ބޮޑަށް ބެލީ ވީހާ ވެސް ބޮޑަށް އޭގެ އަމަލީ މަަސައްކަތްތައް ދަސްކުރެވޭނެ ތަނެކެވެ.

"ކެމެރާ ހިފައިގެން އޮންފީލްޑްގައި ދަސްނުކޮށްދޭ ގިނަ ފަހަރު މި ކަހަލަ ޑިގްރީތަކުގައި. ތެއޮރީ ބޮޑަށް އޮންނަނީ. އެެހެންވެ ޔުނިވާސިޓީއެއް އިހްތިޔާރުކުރަން ބެލުމުގައި ވަރަށް ބެލިން ވީހާވެސް ބޮޑަކަށް ޕްރެކްޓިކަލީ ދަސްކޮށްދޭނެ ކޯހެއް ހިންގާ ޔުނިވާސިޓީއަކަށް ދެވޭތޯ. ވަރަށް ހިތްހަމަޖެހޭ އެ ކަން ހާސިލްވާނެ ޔުނިވާސިޓީއަކަށް ދެވުނީ. ވަރަށް ޕްރެކްޓިކަލް އެ ތަނުގައި،" މޮ ބުންޏެވެ.

ޔުނިވާސިޓީގައި ކިޔަވަމުން ދަނިކޮށް ކުރިމަތިވީ ކޮވިޑްގެ ދުވަސްވަރާ އެވެ. ލޮކްޑައުންގައި ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްވެ ލިޔުމުގެ މަސައްކަތް ފެށުނެވެ. ކުރު ފިލްމެއްގެ ސްކްރިޕްޓް އެކެވެ. އެއީ އޭނާގެ ފުރަތަމަ ފިލްމު 'ފަޅު' ގެ ސްކްރިޕްޓް އެވެ.

"ވަރަށް ބޮޑަށް އެ ހުރެވުނު އެކަނިވެރިކަމުގައި ތާށިވެފައި ހުރި ދުވަސްވަރެއްގައި މި ލިޔެވުނީ އަޅުގަނޑުގެ ފުރަތަމަ ފިލްމު. މާލެ މަތިންނާއި އަމިއްލަ ގެއާއި މޫދާއި ރަށްތަކާ މި ހުރިހާ އެއްޗެއް މަތިން ހަނދާން ވާން ވެގެން،" މޮ ކިޔައިދިނެވެ.

"އެއީ ދެ އެކުވެރިންގެ ވާހަކައެއް. ދެ ޒުވާން ފިރިހެނުން. އެކަކު މައްޗަށް ކިޔަަވަން ޖެހިގެން ޖެހުނީ މާލެ ބަދަލުވާން. އެ ވާހަކަ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް އެ ވާހަކަ ކިޔައިނުދެވިގެން އުޅޭ މަންޒަރުތައް ދައްކުވައިދޭ ކުރު ފިލްމެއް. މާލެ އައިސް އެންމެ ފުރަތަމަ ވެސް ޝޫޓް ކުރަން ނިންމީ މި ފިލްމު. މަދާޝިޕް ފުލް ޓީމާއެކު ޕްރޮޕޯޝަލް ހިފައިގެން ދިޔައިމަ ފުރުސަތު ލިބުނީ ވެސް،" މޮ ބުންޏެވެ.

ފުރަތަމަ ކުރު ފިލްމުގެ މަސައްކަތް ނިމުމުން އޭނާގެ އަތަށް ލިބުނު ވާހަކައަކުން ދިގު ފިލްމެއް އުފައްދަން ވިސްނި އެވެ. އެއީ މާދަމާ ސިނަމާތަކަށް ނުކުންނަ 'ދޯދި' އެވެ. ނަމަވެސް ދިގު ފިލްމުގެ މަސައްކަތަކަށް ދާން ވާނީ ކުރު ފިލްމުތަކެއްގެ މަސައްކަތްކޮށްގެން އެއިން އެކި ކަންކަން ދަސްކޮށް ފިލާވަޅުތަކެއް ހޯދައިގެން ކަމަށް މޮއަށް ގަބޫލުކުރެވުނެވެ.

ދޯދީގެ ޓީމު އެކުލަވާލައިގެން އެ މަސައްކަތް ކުރަމުން ކުރު އެހެން ފިލްމެއް އުފެއްދީ އެހެންވެގެން ކަމަށް މޮ ބުންޏެވެ. އޭނާގެ ދެވަނަ ކުރު ފިލްމު 'އިނދަ'ގެ މައިގަނޑު ބޭނުމަކީ 'ދޯދި'އަށް ތައްޔާރުވުމެވެ. ފަަހަރަކު ގޮޅިއަކަށް ޖެހިލަމުން ކުރިއަށް ދިއުމެވެ. ފަރުވާތެރިކަމާ އެކުގަ އެވެ.

"ދޯދީގެ މަަސައްކަތުގެ ތެރެއިން އައި ހިޔާލުތަކުގެ ތެރެއިން އުފެއްދީ ކުރު ފިލްމެއް. އިނދަ ފިލްމު. ދޯދީގެ ކުޑަ ޓްރަޔަލް ރަންއެއްގެ ގޮތުގައި. ނަމަވެސް ކޮންމެ ވެސް ވަރަކަށް ތަފާތު ކުރު ވާހަކައެއް ގޮތުގައި. އެ ފިލްމުގެ މަސައްކަތްކުރީ ވެސް ދޯދީގެ ޓީމާ އެކު،" މޮ ބުންޏެވެ.

މޮގެ ފުރަތަމަ ފީޗާ ފިލްމު މާދަމާ އަޅުވާއިރު ފިލްމުގެ މައިގަނޑު ވާހަކައިން ވެސް މިއީ ބަލައިނުލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫން ކަން އެނގެ އެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

'2 of us' roolhijje; Jaisham ai Hisam ves feyah

'2 އޮފް އަސް' ރޫޅިއްޖެ؛ ޖައިޝަމް އާއި ހިޝާމްވެސް ފެޔަށް

2