16 އަހަރުގެ އިލާން: ރާއްޖެއަށް ވެސް ޔަމާލްއެއް!

16 aharu ge Ilaan: Raajje ah ves Yamal eh!

އިލާންގެ ފޮޓޯ ކްރެޑިޓް: އަދަދު ނޫސް / ގްރެފިކްސް: ކުރިއަށް މީޑިއާ

މާޒިޔާއިން އެފްއޭއެމްގެ ލީގު ކަޕްގެ ޗެމްޕިއަންކަން ރޭގައި ހޯދިއިރު، އެ މެޗުގެ އެންމެ ތަފާތު އަދި ހުނަރުވެރި ކުޅުމެއް ދައްކައިގެން އެންމެންގެ ސަޕޯޓު ހޯދާފައިވަނީ، އުމުރުން އެންމެ 16 އަހަރުގެ މުހައްމަދު އިލާން އިމްރާން އެވެ. 

އުމުރުން 16 އަހަަރުގެ އިލާން ފެނިފައި ހަނދާންވީ ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ބާރު ކަމަށްވާ ސްޕެއިނަށް ވެސް އުންމީދެއް ގެނެސްދިން ލަމީން ޔަމާލްގެ މަތިންނެވެ.

ސްޕެއިނަށް މިދިޔަ އަހަރު ޔޫރަޕްގެ ޗެމްޕިއަން ލިބުނި އިރު އެންމެ މުހިންމު ދައުރެއް އަދާކުރީ ޔަމާލް އެވެ. ހާއްސަކޮށް ބާރުގަދަ ފްރާންސް ކަޓުވާލާ ސްޕެއިން ފައިނަލަށް ގެންގޮސްދިނީ ޔަމާލް ގޯލް އޭރިއާގެ ވެސް ބޭރުން ފޮނުވާލި ހަމަލާއިން ގޯލުގެ މަތީ ކަނަށް ވައްދާލައިގެން ކާމިޔާބުކުރި ރީތި ލަނޑުންނެވެ. ސްޕެއިން ޔޫރަޕްގެ ޗެމްޕިއަނުންނަށްވީ 12 އަހަރު ފަހުން ޔަމާލްގެ ބޮޑު ދައުރެއް އޮވެގެނެވެ. ކްލަބް ބާސެލޯނާއަށް ވެސް ޔަމާލް ދަނީ ހަމަ އޭގެ ރީތި ލަނޑުތައް ޖަހައިދެމުންނެވެ. ބާސެލޯނާއާއެކު މި ފަހަރު ލީގު ވެސް ކާމިޔާބުކުރީ އެވެ.

މިއަދު ސޯޝަލް މީޑިއާގައި ވެސް ދައުރުވަނީ އިލާންގެ އެފަދަ ރީތި ލަނޑުތަކެއްގެ މަންޒަރު ފެންނަ ވީޑިއޯ އެވެ. ސްޕެއިނެކޭ އެއް ގޮތަށް ދުނިޔޭގެ އެންމެ މަތީ ފަންތިއަށް ރާއްޖެ އަދި ދާނެ ދުވަހެއް ނުވެސް އެނގެ އެވެ. އެކަމަކު ދިވެހި ފުޓުބޯޅަ މުޅީން އަނޑިއަޅައިލާފައިވާ ދަނޑިވަޅެއްގައި އިލާންގެ މޮޅު ކުޅުން މި ވީ ހަގީގަތުގައި ވެސް ސްޕެއިނާއި ބާސެލޯނާގެ ސަޕޯޓަރުންނަށް ޔަމާލް އުންމީދު ގެނެސްދިން ފަދަ، ދިވެހި ސަޕޯޓަރުންނަށް އުންމީދަކަށެވެ. 

މީގެ ތިން އަހަރު ކުރިން އިންޓަ ސްކޫލް މުބާރާތާއި، ޔޫތު ލީގުގައި އިލާން ދެއްކި މޮޅު ކުޅުމާ އެކު ގިނަ މީހުން އޭނާ ސިފަކޮށްފައި ވަނީ "ގޯލު ޖަހާ މެޝިނެއް" ގެ ގޮތުގަ އެވެ. އިލާންގެ މޮޅު ކުޅުމާ ބެހޭގޮތުން ރާއްޖޭގެ ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ވެސް އޭރު ބުނީ އިލާންގެ ކިބައިގައި ފޯވާޑެއްގެ ހުރިހާ ސިފަތަކެއް ފުރިހަމަ ކަމަށެވެ.

ރޭގައި ކުޅުނު މެޗުން އެފްއޭއެމް ލީގް ކަޕްގެ ފައިނަލް މެޗުގައި ވެސް އެކަން ވަރަށް ފުރިހަމައަށް ސާބިތު ކޮށްދީފަ އެވެ.  އެ ގޮތުން އެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ހޯދި އިރު، އިލާން ވަނީ ލިބުނު ހަނި ފުރުސަތުގެ ބޭނުން ހިފައި ފައިނަލުގައި ދެ ގޯލު ޖަހައި، މުބާރާތުގެ ރަންބޫޓު ވެސް ކަށަވަރުކޮށްފަ އެވެ. މުބާރާތުގެ ރަން ބޫޓު އޭނާ ހޯދީ ވެސް ގިނައިން މެޗުތަކުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި އަރައި މަދު ވަގުތުތަކުގައި މުޅި ކުޅުމެއް ދައްކައިގެނެވެ.

އިލާންގެ މޮޅު ކުޅުމުން ސާބިތުވީ އޭނާގެ ކިބައިގައި ސީނިއާ ލެވެލް ފުޓްބޯޅަ ކުޅުންތެރިންގެ ފެންވަރު ހުރި ކަމެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މުބާރާތަށް އެރިނަމަވެސް، އިލާން ވަނީ ހަތަރު ގޯލު ޖަހާފަ އެވެ. އޭނާގެ ފުރަތަމަ ގޯލު ޖަހާފައު ވަނީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ހާފުގައި އަރަ އެވެ. އެ މެޗުގައި މާޒިޔާ މޮޅުވީ 5-1 އިންނެވެ. 

ދެވަނަ ގޯލު ޖަހާފައި ވަނީ ޓީސީ ސްޕޯޓްސް އާއެކީ މާޒިޔާ ކުޅުނު މެޗުގަ އެވެ. އެ މެޗުގައި މާޒިޔާ މޮޅުވީ 2-0 އިންނެވެ.

މާޒިޔާ ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދާފައި ވަނީ އޮޑި ސްޕޯޓްސް ކްލަބާ އެކު ރޭގައި ކުޅުނު މެޗުގަ އެވެ. އެ މެޗުން މާޒިޔާ މޮޅުވީ 4-0 އިން ނެވެ. މެޗަށް އިލާން އެރި އިރު ވެސް މާޒިޔާ އޮތީ ދެ ލަނޑުގެ ލީޑެއް ގައެވެ. ނަމަވެސް އޭނާ އެ މެޗުގައި ކުޅުނު ފެންވަރަށް ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު ވަނީ ލިބިފަ އެވެ. އެގޮތުން އިލާން ޖެހި ދެ ގޯލުން ވެސް ދައްކުވައި ދިނީ ސްޓްރައިކަރެއްގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް ގިނަ ކަންކަން އޭނާގެ ކުޅުމުގައި ހުރި ކަމެވެ.

އިލާންގެ މޮޅު ކުޅުމަށް ތައުރީފު ކުރި މީހުންގެ ތެރޭގައި، އޭނާގެ ކުރީގެ ކޯޗު، އަދި މި މުބާރާތުގައި ނިއު އަށް ކޯޗުކޮށްދޭ ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ހިމެނެ އެވެ. އެގޮތުން ފޭސްބުކުގައި ސޮބާ ލިޔުނު ޕޯސްޓެއްގައި ބުނީ ކާމިޔާބަކީ ސިކުނޑީގައި އޮންނަ އެއްޗެއް ނޫން ކަމަށާއި އެއީ އުނދަގޫ ހާލަތުގައި ވެސް މާޔޫސްނުވެ، އެކުރަން ޖެހޭ ކަންކަން، ގަވާއިދުންކޮށްގެން ލިބޭ އެއްޗެއް ކަމަށެވެ.

މީގެ އިތުރުން ސޮބާ ވަނީ މިއީ ވަރަށް ފަހުރުވެރި ވަގުތެއްކަން ފާހަގަކޮށް ސޮބާ ވަނީ ވިސްނުންތެރިކަމާ އެކު މަސައްކަތްކޮށް، ކަންކަން ދަސްކޮށްގެން ކުރިއަށްދާން އޭނާގެ ދަރިވަރު، އިލާން އަށް، ނަސޭހަތްތެރި ވެފަ އެވެ.

ދެން އަޅައިގަތީ ރާއްޖޭގެ އެންމެ މޮޅު އެއް ކުޅިވަރު ނޫސްވެރިޔާ އައްޒާމް އަލިފުޅުގެ ޕޯސްޓެވެ. އޭނާ ހިއްސާކުރީ މީގެ ތިން އަހަރު ކުރިން އިލާނަކީ ވަރުގަދަ ސްޓައިކަރެއްގެ ގޮތުގައި ސިފަކޮށް އައްޒާމް ލިޔުނު އާޓިކަލެކެވެ. އަދި އެ ޕޯސްޓްގައި އައްޒާމް ލިޔުނީ ރާއްޖޭގައި ފުޓުބޯޅަ ކުރިނާރާ އޮތީ ހުނަރު ނެތިގެން ނޫން ކަމަށެވެ. މައްސަލައަކީ މިފަދަ ހުނަރުތަކަށް ފުރުސަތު ހޯދަން ހޭދަކުރުމަށް ވުރެ ބައެއް ވެރިން ކޮރަޕްޓްވެފައި އެ ވެރިން މުއްސަނދިވާން ހޭދަކުރުން ކަމަށް އައްޒާމް ލިޔުނެވެ.

"މިހެން އަންނަ ހުނަރުވެރި ކުޅުންތެރިން ބިނާކުރަން، ޑިވެލޮޕްކުރަން ދެމެހެއްޓެނިވި މެކޭނިޒަމް އެއް އޮނިގަނޑެއް ނެތުމަކީ، ގައުމުގައި ހުނަރު ނެތުމެއް، ނޫނީ އޭގެ ޝޯޓޭޖެއް އުޅެނީކީ ނޫން. މައްސަލަ އަކީ ކޮރަޕްޝަނަށް މޫ ލައިފައި އޮތް އަމިއްލަ އެދުން ބޮޑު ސިސްޓަމް. ދެން، އޭގެ ސަބަބުން ގެއްލުން މުޅި ފުޓްބޯޅަ އަށް ކުރުން،" އައްޒާމް ލިޔެފައިވެ އެވެ.

މާޒިޔާ އަށް ކުޅުމުގެ ކުރިން އިލާން ވަނީ ނިއު، ޓީސީ، އަދި ވެލެންސިއާގެ ޔޫތު ޓީމަށް ކުޅެފަ އެވެ. އޭނާ ތަމްރީނު ވެފައި ވަނީ ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ގެ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އިން ނެވެ.

އިލާން އެންމެ ފުރަތަމަ ވިދާލީ އިންޓަ ސްކޫލު މުބާރާތުގައި އިސްކަންދަރު ސްކޫލުންނެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސްކޫލް މުބާރާތުގެ 15 އަހަރުން ދަށުގެ ބައިގައި އަމީނިއްޔާ ސްކޫލާ ދެކޮޅަށް ކުޅުނު މެޗުގައި، 29-0 އިސްކަންދަރު ސްކޫލު ވަނީ މޮޅުވެފަ އެވެ. އެ މެޗުގައި އިލާން 13 ގޯލު ޖެހި އެވެ. އަދި އޭނާ ވަނީ އެ ޓީމު ކުޅުނު ހަ މެޗުން 38 ގޯލު ޖަހައި މުބާރާތުގެ ރަން ބޫޓު ހޯދައިފަ އެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0