މާޓުގެ ދޮޅަސް: ދިވެހިވަންތަ ރެޕު ގެނެސްދިނުމަށް ކޮށްފައިވާ މަސައްކަތާއި، މާޓު އެ ލަވަތައް ސިފަކުރާ ގޮތް

Maatu ge dholhas: dhivehivantha rap genesdhinumah kohfaivaa massahkathaai, Maatu e lavathah sifakuraa goiy

މުނިފޫހިފިލުވުން

ދިވެހި އަމިއްލަ މިއުޒިކަށް މި ފަހުގެ ތާރީޚުގައި އެންމެ ބޮޑު އިންގީލާބެއް ގެނައި ބަޔަކަށް ވާނީ ސިމްބޮލިކް ރިކޯޑްސް އެވެ. 2013 ވަނަ އަހަރުން ފެށިގެން އޮޔާ ދެކޮޅަށް ބުރަ މަސައްކަތްތަކެއްކޮށް، ދިވެހިންނާއި ބީރައްޓެހި ހިޕްހޮޕް ދިވެހި ކަންފަތްތަކަށް ފަސޭހަ އެއްޗަކަށް ހެދުމުގެ އާރުކާޓީންނަކީ އެއީ އެވެ. ކޮޕީ ރާގަށް ހަމައެކަނި ނޫނެކޭ ބުނުމުގެ ބަދަލުގައި ކޮޕީ ރާގާއި ނުލައިވެސް ޒުވާން ފަންނާނުންނަށް ދިވެހި އެހުންތެރިންގެ ލޯބި ހޯދިދާނެކަން ސާބިތުކޮށްދިން ބަޔަކީ އެއީ އެވެ.

ސިމްބޮލިކް ރިކޯޑްސް އަކީ އަބަދުވެސް އައު ތަޖުރިބާތައްކޮށް، އުފެއްދުންތެރިކަމުގައި އެންމެ ކުރީގައި ތިބޭ ބައެކޭ ބުނެވިދާނެ އެވެ. އެގޮތުން އެންމެ ފަހުން އެ ލޭބަލްއިން ނެރުނު އަލްބަމް، 'ދޮޅަސް' އަކީވެސް އެފަދަ ތަފާތު، އުފެއްދުންތެރި މަސައްކަތްތަކެއް ހުށަހަޅައިދޭ އަލްބަމެކެވެ. ލޭބަލްގެ ފަންނާނުންގެ ތެރެއިން ޅެންވެރިކަމުގައި އެންމެ ތަފާތު އެއް ވައްޓަފާޅި ގެންގުޅޭ މާޓުގެ ދެވަނަ އަލްބަމްގެ 'ލަވަޔަކަށް ފަހު އަނެއް ލަވަ' ނެރެ ދޮޅަސް ހަމަކުރިއިރު، އެ އަލްބަމްގައި ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ.

ޔޫޓިއުބަށް ދޫކޮށްލި އަލްބަމްގެ ތަޢާރަފުގައި ވާގޮތުން މި އަލްބަމަކީ ގާތްގަނޑަކަށް 5 އަހަރުދުވަހުގެ މަސައްކަތެވެ. އޭގައި ވާގޮތުން މި އަލްބަމަކީ ހިޕްހޮޕާއި އިލެކްޓްރޯނިކް މިއުޒިކާއި ދިވެހިވަންތަ އަޑުތަކުން ގަތާފައިވާ ތޮށައްޔެކެވެ. ޅެންވެރިކަމަށް ބަލާއިރު ދިވެހި އަދަބިއްޔާތުގެ އެކި އުންސުރުތަކާއި ރެޕުގެ ވަޒަންތައް އެއްކޮށްގެން ވިޔެފައިވާ ޗާލު ކަރަކަންދާއްޔެކެވެ. އިލެކްޓްރޯނިކް އަޑުތަކުގެ ތެރެއަށް ދިވެހި ބޮޑުބެރާއި ލޯބަނޑިޔަލާއި ތާރައިގެ އިތުރުން ވެށީގެ އަޑުތައް ލާމަހާލާފައިވަނީ ފުރިހަމައަށެވެ. ފަރިއްސާއި ރައިވަރާއި ކާގެ ހަމަތަކާއި ވަޒަންތައް ރެޕުގެ ރިދަމްތަކާއި އެކުގައި ބޭނުންކޮށްފައިވަނީ ދިވެހި އަދަބިއްޔާތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާހާ ނަލަކޮށެވެ.

އަލްބަމްގެ ވަކިވަކި ލަވަތަކަށް ބަލާއިރު އެއިން ކޮންމެ ލަވައަކީވެސް މިއުޒިކާއި ޅެންވެރިކަމުގެ ގޮތުން ފާހަގަކުރެވޭ އަމިއްލަވަންތަކަމެއް ހުރި އެއްޗެކެވެ. ތިރީގައި އެވަނީ މި އަލްބަމްގެ ލަވަތައް މާޓު ސިފަކޮށްދީފައިވާ ގޮތަށް މާޓުގެ ބަހުންނެވެ.

އަނެއްލަވަ

މީ ތަފާތު ކޮރު ހަމަތަކަށް ދިވެހި ބަހުން ރެޕު ކުރެވޭތޯ ކުރި މަސައްކަތުން އެއް މަސައްކަތް. ކުރެވުނު ތިން މަސައްކަތުން ހިތްހަމަޖެހުނު މަސައްކަތަކީ "އަނެއްލަވަ" އެހެންވެ އަލްބަމްގަ އެލަވަ ހިމެނީ.

"އަނެއް ލަވަ" އެ ބުނެދެނީ ލަވައެއް ހަދަން މަސައްކަތް ކުރާ ވާހަކައާއި އުނދަގޫތަކާ އެކު މަސައްކަތްކޮށްކޮށް ހުއްޓާ އެހެން މީހުން ލަވަތައް ކިޔައިގެން ނެރޭ ވާހަކަ. މަށަށް އަދިވެސް އަނެއްލަވަ ނުނެރެވިފަ އިންވާހަކަ.

ދިޔޯ

ޅެން ބަހުރުވައިގައި ފަރިހި ލިޔުމުގައްޔާއި ކިޔުމުގައި ހުރި ބައެއް ސިފަތަކާއި ރާގާއި ބަނޑި، ތާލާއި ލަހުޖާގެ ވައްޓަފާޅި ބޭނުން ކޮށްފައި ވާނެ. ރެޕުގެ މައިގަނޑު ކާފިޔާއެއްގެ ގޮތުގައި ދިވެހީގައި މަދުން ބޭނުން ކުރާ "ޯ" ބޭނުން ކުރީ އަހާ މީހާގެ ކަންފަތުގައްޔާއި ބޮލުގައި މިޅެން ހަރުލައްވާ އަދި މި ލަވައިގެ ޅެމަށް އިތުރު ޝައުގެއް އުފައްދަން.

މިއީ ލޯބީގެ ލަވައެއް. ލޯބިން ހުޝާމަދު ކުރާނެ މާނަ ތިލަ ގޮތްގޮތާއި މާނަ ފުން ލަފުޒު ބޭނުންކޮށް ތަފާތު ރަހައެއްގެ ލަވައެއް ހަދަން ކުރި މަސައްކަތެއް.

ކުރިމަރު

މި ލަވަޔަކީ އަލްބަމްގެ މަސައްކަތް ކުރަމުން ދަނިކޮށް މަށަށް ރައްޓެއްސަކު ދިން ޚިޔާލަކަށް ލިޔުނު ލަވައެއް. ތަފާތެއް ގެނައުމަށް މަސައްކަތްކުރީ މިއުޒިކުގަ ހަމައެކަނި އެކި ބެރުބެރުގެ އަޑާއި ޅެމުގެ ހަމަ ބުގިސްވާނެ ގޮތް ވިސްނައިގެން. އަދި ބޮޑުބެރު ލަވައިގެ ސިފަ ޖައްސައިގެން.

މި ލަވައިގަ ބަޔާންކޮށްދެނީ ފަންނާނަކު އެނާގެ ފަންނުވެރިކަމާ އެކަހެރިވާ ހިނދު ހިތާހިތާ ކުރެވޭ ޝަކުވާތަކާ އެ ޝަކުވާތަކުގެ ޖަވާބުގަ އޭނާގެ ނަފްޞު އޭނާއަށް ދޭ ހިތްވަރު.

ފުލޯކެއް

މި ލަވަޔަކީ ރެޕުގެ ތެރެއިން ވާހަކަ ކިޔައިދިނުން. ރެޕުގައި އާންމުކޮށް މި ބާވަތުގެ ގިނަ ލަވަހުރި ގޮތާ ޚިލާފަށް ޒަމާނީ ހިޕްހޮޕްގެ އަޑުތަކާ ދިވެހި ވެށީގެ އަޑުތަކާއެކު ލަވައިގަ ހިމަނާފަ ވާނެ.

މި ލަވައިގަ ކިޔައިދީފާވާނީ ޒަމާނުއްސުރެ ރާއްޖޭގައި ކިޔަމުން އަންނަ އަރާމަގު ދޮންކަމަނަ ވާހަކަ މަށަށް ތުންތުންމަތިން އިވިފަވާ ގޮތަށް.

ކޮޅަކަށް

މިލަވައިގަ ގެންނަން މަސައްކަތް ކޮށްފަ ވާނީ ދެމީހެއްގެ ދެމެދުގައި ދެކެވޭ ވާހަކައަށް ރެޕު ލަވައެއްގެ ސިފަ. ޅެން ލިޔުމުގަ އެއް ބަސް އެކި މާނައިގައި ބޭނުންކޮށްގެން އަހާމީހާގެ ޝައުޤު ދަމައިގަންނަން މަސައްކަތް ކޮށްފަވާނެ.

މީ އާޓިސްޓެއްގެ ދެތިން ޝަކުވާ.

އަންހެނާ

މީ ޑްރިލް މިއުޒިކުގަ ދިވެހި ވައްޓަފާޅިއާ ސިފަ ޖައްސައިގެން ހެދި ލަވައެއް.

މީ ލޯބީގެ ލަވައެއްކަމަކު މި ލަވަ ނިސްބަތްވަނީ ހިތާވެގެން އުޅޭ ކުއްޖާއަކަށް ނޫން. އަނބިމީހާއަށް.

ދަރިޔާ

މީ ޕޮލިރިދަމް ބޭނުންކޮށްގެން ލަވައެއް ހެދޭތޯ ބަލާފަ. ލަވަ ކިޔާފަވެސް ވާނީ ޕޮލިރިދަމްގެ ހަމަތަކަށް ވިސްނައިގެން.

މި ލަވަޔަކީ ޅެންވެރިކަމުގަ ބޭނުންކުރާ ސިފަކުރުން، ފަދަކުރުން އަދި މިސާލު ޖެހުން ތަންކޮޅެއް ތިލަކޮށް ރެޕުގެ ހަމަތަކަށް ގެނެސްދީފަވާ ލަވައެއް.

ކަޅުޖާދޫ

މީ ޅެންވެރިކަމުގެ ދެ ބާވަތް (ޒަމާނީ ރައިވަރު، ރެޕު) ހިމަނާފައިވާ ލަވައެއް. ރާއްޖޭގެ ރެޕުގައި އަޑު ނީވޭ ކަހަލަ ގޮތްގަނޑެއް މިލަވައިގަ ހުންނާނެ.

ލަވައިގަ ކިޔައިދީފަވަނީ ސިހުރު ހަދާމީހާއާ ސިހުރު ހައްދުވާ މީހާ އެ ކުރާ ޢަމަލުގެ ނުބައިކަން.

މާލީޚޫލިޔާ

މީ އަސްލު މީހަކަށް ކުރެވުނު އިޙުސާސްތަކެއް. މީ ހިތާމަވެރި ލަވައެއް. ލަވައިގަ އެވަނީ ނަފްސާނީ ބަލީގަވާ މީހެއް އާންމުކޮށް ނުދައްކާ އޭނަ ބޮލުތެރޭ ޖަމާކޮށްފަ ހުންނަ ޚިޔާލުތަކާއި ކުރާ ގިނަ ޝަކުވާތައް.

މި ލަވައިގަ ދިވެހިވަންތަ ކުރުމަށްވުރެ އިސްކަންދީފަވާނީ ޅެމުގެ އިޙުސާސް އަހާމީހާއަށް ފޯރުކޮށްދިނުމަށް.

ނިދޭ

މީހަކަށް ނިދަން ފަސޭހައަށް ނިދުމުގެ ކުރިން ކުރާ އެންމެ ފަހު ކަންތަކާ، އެ ކުރި ކަންތަކާ އެއްކޮށް ނިދުމުން އެ ކުރެވޭ ހުވަފެނީ އިޙުސާސް. އެއީ ފެންވެރުން ކަމުގަވިޔަސް، ޝަހާދަތް ކިޔުން ކަމުގަވިޔަސް، ބެޑު ފެގެއް ބުއިން ކަމުގަ ވިޔަސް ނޫނީ ލަވަ އަޑުއެހުންކަމުގަވިޔަސް.

މި ލަވަޔަކީ އަލްބަމްގެ އެހެން ލަވަޔަކާ ތަފާތު، ލައިވް މިއުޒިކް ލަވައެއްގެ ސިފަ ގެނައުމަށް ކުރި މަސައްކަތެއް.

މަންތަރު

މިއީ ދިވެހިވަންތަ ސިފަ ޖައްސާފައިވާ ޒަމާނީ ސައިޓްރާންސް ލަވައެއް.

ބޮލީވުޑް ނޫނަސް ހިންދުސްތާނުގެ މިއުޒިކީ ފާޑެއް ޖައްސައިގެން، ދިވެހި ރައިވަރުގެ ބަސް ފުރޮޅުމާ މާލޫދު ކިޔުމުގެ ރާގާ ލާމަހާލުމަށް ކުރެވުނު މަސައްކަތެއް.

މީ މަންތަރު ނުވަތަ ކިޔެވެލީގެ ވައްޓަފާޅިއަށް ކިޔާފައިވާ ލަވައެއް ނަމަވެސް މީގައިވަނީ ޝަޙާދަތުގެ ދެކަލިމަ ޤަބޫލުކުރާ ކަމުގެ ވާހަކަޔާ ހެއްދެވި ފަރާތަށް ބިރުވެތިވާ ވާހަކަ.

ޣަރަޤު

މީ އިނގެރޭސީގަ މިބުނާ ޑޭޑްރީމް ކުރާ މީހެއް ދެކޭ ހުވަފެނީ މަންޒަރުތަކާ ކުރާ އިޙުސާސްތައް. މިއީ ވަކި ވަޒަން އަދަދެއް ހަމަނުވިޔަސް ދިވެހި އަދަބީ ޅެންވެރިކަމުގަ ބޭނުންކުރާ ބަނޑުވަށް އަކުރާ ފިލިކޯޅި އަދި ކާފިޔާ އެއްގޮތްކޮށް ކޮށްފައިވާ މަސައްކަތެއް.

މި ތައާރަފަށް ބަލާއިރު މިއީ އަޑު ނާހައި ދޫކޮށްލާވަރު އަލްބަމެއް ނޫންކަން ހާމަވެއެވެ. ހަމަ ޔަޤީނުންވެސް މި އަލްބަމް މި ވަނީ ދިވެހި ޅެންބަހުރުވައަށާއި ދިވެހި ވަންތަ މިއުޒިކަށް އަދި ޚާއްސަކޮށް ދިވެހި ރެޕަށް ތާޒާ ކަމެއް ގެނެސްދީފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

1438 ge Mashup 2: Raajjeyge Enme avas million views aa dhimaalah

1438ގެ މެޝަޕް 2: ރާއްޖޭގެ އެންމެ އަވަސް މިލިއަން ވިއުސްއާ ދިމާލަށް

0